މުޖުތަމައުގައި ފާހިޝް ކަންތައްތައް މަދުކުރެވޭނީ އެންމެންގެ ނިޔަތް އެއްގޮތްވެގެން: ރައީސް
ދަޕްރެސް
31 ޑިސެމްބަރު 2025 | ބުދަ | 4:15
މި މުޖުތަމައުގައި ފާހިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކުރެވޭނީ އެންމެންގެ ނިޔަތާއި ހިޔާލު އެއްގޮތް ވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔަ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައްޔިތުންގެ ޝަކުވާތަކާއި އެދުމުގެ މަތިން މަސާޖު ޕާލާތައް ބަންދުކުރުމަށް މި މަހުގެ9 ވަނަ ދުވހު ފެށި އޮޕަރޭޝަނާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ދެއްވފައެވެ. އެ ގޮތުން އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް 96 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މުޖުތަމައުގެ ހާލަތު ބަދަލު ކުރެވޭނީ އާންމު ރައްޔިތުންނާއި އެންމެހާ ފަރާތްތަކުގެ ނިޔތާއި އަމަލުތައް އެއްގޮތް ވެގެން ކަމަށެވެ. އެފަދަ ކަންކަން ހިންގަނީ ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާހިޝް އަމަލުތަކަށް އެ ވިޔަފާރީގެ ނަން ބޭނުން ކޮށްގެން ކަމަށާއި މި ފަދަ ތަންތަން ހިންގަމުން ދަނީ މިފަދަ ތަންތަނުން ހިދުމަތް ހޯދާ ބަޔަކު ތިބުމުން ކަން ހިތާމަޔާއެކު ގަބުލު ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.