ޔާމީންގެ މަރު: ހައިކޯޓުން ދޫކޮށްލި 2 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި

ދަޕްރެސް

31 ޑިސެމްބަރު 2025 | ބުދަ | 7:12

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ކުށް ސާބިތުވެ ޖަލަށް ލާފައިވާ ދެ މީހުންގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލުކުރުމުން އެ މީހުން މިނިވަންވެފައި ވަނިކޮށް އެ ދެ މީހުން އަލުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ، އެޕްރީލް 23، 2017 ދުވަހުގެ ވަގުތެއްގައި ސ.ފޭދޫ، ޗަބޭލީގެ ޔާމީން ރަޝީދުގެ ދިރިއުޅޭ ގެއަށް ޔާމީން ރަޝީދު ވަނުމުން ޔާމީން ރަޝީދު ހިފަހައްޓާ ތޫނު ހަތިޔާރުން ހަމަލާދީ ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ މައްސަލައިގައި މިއަދު ހައިކޯޓުގައި ވަނީ އިސްތިއުނާފީ މައްސަލަ ބަލައި ނިންމާފައި ކަމަސެވެ. އެކޯޓުން ވަނީ ހ. އަންނާރުމާގެ އިސްމާއީލް ހައިޝަމް ރަޝީދު އާއި ހުޅުމާލެ ގޯތި ނަންބަރު 11399 އަހްމަދު ޒިހާން އިސްމާއިލްގެ މައްޗަށް ސާބިތުވި ދައުވާތައް ބާތިލްކޮށް މި މައްސަލަ ކްރިމިނަލް ކޯޓަށް ތަހްވީލް ކޮށްފައި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ހައިކޯޓުގެ މި ނިންމުމާ ގުޅިގެން، ހައިޝަމް ރަޝީދު އާއި، އަހްމަދު ޒިހާންގެ ބަންދާމެދު ގޮތެއް ކަނޑައަޅައި ދިނުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅިގެން، އެ ކޯޓުން ވަނީ، ތަހްވީލް ކުރި މައްސަލައިގެ ޝަރީއަތް ނިމެންދެން އެ ދެމީހުން ބަންދުކުރަން ނިންމާފައި ކަމަސް ޕީޖީ އޮފީހުން ބުނެއެވެ

މައުޟޫޢުތަށް