ނަފްސާނީ ބަލީގެ ފަރުވާ އާއި އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ދޭ ތެރަޕީ އާސަންދައިގެ ދަށުން ލިބޭނެ
ދަޕްރެސް
1 ޖެނުއަރީ 2026 | ބުރާސްފަތި | 9:16
ނަފްސާނީ ބައްޔަށް ފަރުވާ ކުރުމަށް ހިނގާ ހުރިހާ ހަރަދަކާއި އަމިއްލަ ހޮސްޕިޓަލްތަކުންނާއި ކްލިނިކްތަކުން ލިބޭ ހުރިހާ ތެރަޕީގެ ހިދުމަތްތައް އާސަންދައިން ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދޭ ހިދުމަތްތައް އިފްތިތާހު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މުހިއްމު ވައުދުތަކެއް ފުއްދެވުމަށް އިޖުތިމާއީ ރައްކާތެރިކަމާއި ސިއްހީ ދާއިރާގެ މުހިއްމު ފަސް ޕްރޮގްރާމެއް އިފްތިތާހު ކޮށްފައެވެ.
އެ ހިދުމަތްތައް އިފްތިތާހުކޮށްދެއްވީ އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އާއި ސޯޝަލް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއެވެ. އެގޮތުން މިއަދުން ފެށިގެން މި ޕްރޮގްރާމްތައް ތަންފީޒުކުރަން ނިންމާފައިވާ އިރު، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ހިނގާ ހުރިހާ ހަރަދެއް އާސަންދަ ސްކީމްގެ ދަށުން ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.