ވީއައިއޭގައި ހުއްދަނެތި ވިޔަފާރިކޮށް، ހިދުމަތްތައް ދޭނަމަ ފިޔަވަޅު އަޅާނެކަމަށް އެމްއޭސީއެލް އިން ބުނެފި

ދަޕްރެސް

1 ޖެނުއަރީ 2026 | ބުރާސްފަތި | 11:05

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އުސޫލުތަކާ އެއްބަސްވުންތަކުގެ ތެރެއިން ހުއްދަ ދޫކޮށްފައިވާ ފަރާތްތައް ނޫން ބަޔަކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކުރުމަކީ މަނާކަމެއްކަމަށާއި އެފަދައިން އަމަލުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

ވީއައިއޭގައި ހުއްދަ ނެތި ސިމް ވިއްކުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ވިޔަފާރި މުއާމަލާތް ކުރާތީ އެކަން ނުކުރުމަށް އަންގާ އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ އެ އެއާޕޯޓުގައި ފަތުރުވެރިންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުމަށާ، އެކި ވިޔަފާރިތައް ކުރުމާ، ހިދުމަތް ދިނުމުގެ ހުއްދަ ވަކި ހާއްސަ އުސޫލުތަކާ އެއްބަސްވުންތަކެއްގެ ދަށުން ދޫކުރާނީ އެ ކުންފުނިން ކަމަށެވެ.

މީގެ އިތުރުން އެމްއޭސީއެލް އިން ބުނީ އެއާޕޯޓުގައި ސިމް ވިއްކުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ވިޔަފާރި އާއި ހިދުމަތް ދިނުމުގެ ހުއްދަ ދޫކޮށްފައިވާނީ ކަމާގުޅޭ ލައިސަންސް އޮންނަ އަދި އެމްއޭސީއެލުން ހުއްދަ ދީފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި އެހެން ފަރާތްތަކުން މި ހިދުމަތްތައް ދިނުމާ، ވިޔަފާރިކުރުމަކީ މަނާކަމެއްކަން ފާހަގަކޮށް އެމްއޭސީއެލް އިން ބުނީ ހުއްދަ ދީފައިވާ ފަރާތްތަކަށްވެސް އެ ހުއްދަ ދީފައިވާ ހިދުމަތެއް ނޫން އެހެން އެއްވެސް ހިދުމަތެއް ދިނުން މަނާވާނެ ކަމަށެވެ.

މައުޟޫޢުތަށް