ބައިތުލް މުކައްރަމް ނޭޝަނަލް މިސްކިތް: މުގުލް އާކިޓެކްޗަރުންގެ ހިޔާލާއެކު ފަރުމާކޮށްފައިވާ މިސްކިތެއް
ދަޕްރެސް
24 ފެބްރުއަރީ 2026 | އަންގާރަ | 10:00
ބައިތުލް މުކައްރަމް ނޭޝަނަލް މިސްކިތަކީ ބަންގްލަދޭޝްގެ ވެރި ރަށް ޑާކާގައި ބިނާކޮށްފައިވާ އެ ގައުމުގެ، ގައުމީ މިސްކިތެވެ. 1950 ވަނަ އަހަރު ތެރޭގައި ޑާކާގައި މުސްލިމުންގެ އާބާދީ ވަރަށް ބޮޑަށް އިތުރުވުމާއި ގުޅިގެން، މުސްލިމުން އަޅުކަން ކުރުމަށް ބޮޑު މިސްކިތެއް ބިނާކުރުމަށް ނިންމުނެވެ. މި މިސްކިތް ބިނާކުރުމުގެ މަޝްވަރާތައް އެންމެ ފުރަތަމަ ކުރެވުނީ 1959 ވަނަ އަހަރު އެޕްރީލް މަހުގެ 27 ވަނަ ދުވަހު ބަވާނީ ޖޫޓް މިލްސްގެ ވެރިޔާ އަބްދުލް ލަތީފް އިބްރާހިމް ބަވާނީގެ ގޭގައެވެ.
އެންމެ ފުރަތަމަ މި މިސްކިތް ބިނާކުރުމުގެ ހިޔާލު ހުށަހެޅުއްވީ އިރުމަތީ ޕާކިސްތާނުގެ މިލިޓަރީ އެޑްމިނިސްޓްރޭޓަރ މޭޖާ ޖެނެރަލް ހާންއެވެ. ބަންގަލަދޭޝްގެ ވެރިރަށް ޑާކާގައި މި މިސްކިތެއް ބިނާކުރުމަށް އެ ބައްދަލުވުމުގައި ބައިވެރިން އެއްބަސްވިއިރު ހަމަ އެ އަހަރު ބައިތުލް މުކައްރަމް މިސްކިތް ކޮމިޓީއެއް ގާއިމްކޮށް، 8.30 އޭކަރުގެ ބިމެއް ވަނީ މިސްކިތް ބިނާކުރުމަށް ހަމަޖައްސާފައެވެ.
މި މިސްކިތް ފަރުމާކޮށްފައިވަނީ އާކިޓެކްޓް އަބްދުލްހޫސެއިން އެމް ތަރާނީއެވެ. މި މިސްކިތް ޕްރޮޖެކްޓް ކުރެވުނުއިރު އާކިޓެކްޓަރަށް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހުނު ކަމަކީ ސަގާފީ މުގަލް އާކިޓެކްޗާގެ މައިގަނޑު އުސޫލުތަކުގައި ހިފެހެއްޓުމެވެ.