މީހުން: އާމިނަތު ވަސީމާގެ ކަވި މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް ބޭނުންވަނީ ރަނގަޅު މާކެޓެއް
ދަޕްރެސް
1 މާރިޗު 2026 | އާދިއްތަ | 9:30
ދިވެހީންނަކީ މޮޅު، އަދި ހުނަރުން ފުރިފައިވާ އިޖާދީ ވިސްނުމެއްގެ ބައެއް ކަން އެންމް ބޮޑަށް އެގިގެންދަނީ، ދިވެހިންގެ އަތްތެރި މަސައްކަތްތަކުގެ އުފެއްދުންތަކުންނެވެ. ލަކުޑީގެ އުފެއްދުމާ، ކުރެހުމާ، ވިޔެފައިވާ ތަކެއްޗާ، ކަންވާރުފަދަ ތަކެތި ހިމެނޭ ގޮތުން، އެކިއެކި އާލާތް ބޭނުންކޮށްގެން އަތުން އުފައްދާ ފަންނުވެރި އުފެއްދުންތަކަކީ ދިވެހިންގެ ފަންނުވެރިކަން ފެނިގެންދާ މަސައްކަތްތެވެ.
މި ކަވި މަސައްކަތަށް ގިނަ ވަގުތު ހޭދަކުރަން ޖެހުނު ނަމަވެސް، މި މަސައްކަތް ފަށައިފި ނަމަ މިއީ ހުއްޓުމެއް ނެތް މަސައްކަތެކެވެ. މި މަސައްކަތް ކުރާ މީހުންނަށް ކޮންމެ އެއްޗެއް ފެނުނަސް، އެމީހުންގެ ސިކުނޑީގައި މޮޅު އުފެއްދުމެއް ކުރަހަލާ، އެ ކުރެހުމުގައި ހަގީގީ ކުލަ ޖައްސައެވެ.
އައްޑޫ ސިޓީ މީދޫ އަށް އުފަން އާމިނަތު ވަސީމާ (އާމިންނާ) އަކީވެސް މި ފަދަ މަސައްކަތްތެރިއެކެވެ. ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމާއެކު، އަމިއްލަ ހިތްހަމަޖެހުމަށްޓަކައި އަބަދުވެސް ކޮންމެވެސް މަސައްކަތެއްކޮށްލުމަކީ އޭނާގެ އުފަލެކެވެ. އެގޮތުން އަތްތެރި މަސައްކަތުގެ ތެރެއަށް އޭނާއަށް އެންމެ ފުރަތަމަ ވަދެވުނީ އައްޑޫ ސިޓީ މީދޫ އެކުވެރިންގެ ޗޭނުން ބޭއްވި އަތްތެރި މަސައްކަތުގެ ކޯހުންނެވެ.