ހެދުން އެޅުމުގެ ގަވައިދަކީ އަންހެނުން ވަޒީފާއިން އެކަހެރިކޮށްލަން ފެށި ނުރައްކާތެރި މަސައްކަތެއް: އެމްޑީޕީ
ދަޕްރެސް
3 ޖެނުއަރީ 2026 | ހޮނިހިރު | 1:20
އަންހެން ސިވިލް ސާވަންޓުންގެ ހެދުން އެޅުމުގެ ގަވައިދަށް ބަދަލު ގެނައީ، ވަކި ދާއިރާއެއްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ފަރުދީ މިނިވަންކަމަށް ހުރަސް އަޅައި، ޒާތީ މިނިވަންކަން ހަނިކުރުމުގެ ގޮތުން ކަމަށް އެމްޑީޕީން ބުނެފިއެވެ.
ދައުލަތުގެ އޮފީސްތަކުގައި ސިވިލް ސާވަންޓުން ހެދުން އެޅުމުގައި އަމަލު ކުރަން ޖެހޭ ގަވައިދު އިސްލާހުކޮށް، މިދިޔަ ބުދަ ދުވަހު ގެޒެޓުކޮށްފައިވާއިރު މިކަމާއި ގުޅިގެން އެމްޑީޕީގެ އަންހެނުންގެ ރޫހުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނީ ހެދުން އެޅުމުގެ ގަވައިދު ބަދަލުކުރީ، ގައުމު ހިންގުމުގެ ދާއިރާއިން އަންހެނުން ބޭރުކުރަން ކުރާ ނިޒާމީ މަސައްކަތެއްގެ ތެރެއިން ކަމަށެވެ.
މި ގަވައިދަށް ގެނައި އުސޫލުތަކުން ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދޭ ހަމަހަމަކަމާ ތަފާތުނުކުރުމާ ފަރުދީ މިނިވަންކަން ރައްކާތެރިކުރުމުގެ ހައްގަށް ސީދާ ހުރަސްއެޅޭކަން ފާހަަކޮށް އެމްޑީޕީން ބުނީ ދައުލަތުގެ މުއައްސަސާތަކަކީ މިފަދަ ހައްގުތައް ހިމާޔަތްކުރަންޖެހޭ ތަންތަން ކަމުގައިވީ ނަމަވެސް، މިހާރު ހާމަވަނީ، ބާރުގެ ބޭނުންކޮށްގެން އަންހެނުންގެ "އެޕިއަރެންސް" މޮނިޓާ ކުރުމަށް މަސައްކަތްކުރާ ތަން ކަމަށެވެ.