ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާ ސާބިތުވެއްޖެ
ދަޕްރެސް
4 ޖެނުއަރީ 2026 | އާދިއްތަ | 1:36
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާ ސާބިތުވެއްޖެއެވެ.
ހިޔާނާތުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ކުށްވެސް ސާބިތުވެ ބައްސާމަށް ޖުމުލަ 9 އަހަރުގެ ޖަލު ހުކުމެއް މިހާރުވެސް އިއްވާފައިވާއިރު، ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ބައްސާމަށް ކުރަނީ އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރަށް އޭނާ ހިޔާނާތްތެރިވި ވެގެންނެވެ.
މި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހް، ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ބައްސާމްގެ މައްޗަށް މި ދައުވާތައް ސާބިތުވާކަމަށް ނިންމެވީ އަމިިން ކޮންސްޓްރަކްޝަނަށް ލިބުނު 1 މިލިއަން ޑޮލަރުގެ ބަދަލުގައި އެފްއޭއެމަށް 15.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ލިބުނު ކަމަށް ވައުޗާތަކެއް ހުރި ނަމަވެސް އެއީ ސައްހަ ވައުޗާތަކެއް ކަން ޔަގީން ނުވުމުގެ އިތުރުން ޑޮލަރު މާރުކުރަން ކަމަށް ބުނެ ޗެކެއް މެދުވެރިކޮށް އެފްއޭއެމްއިން ނެރުނު ފައިސާއަށްވާ ދިވެހި ފައިސާ އެތަނުގެ އެއްވެސް އެކައުންޓަކަށް ވަދެފައިވާ ކަން އެނގެން ނެތް ކަމަށް ބުނެއެވެ.