އެވިޑް ކޮލެޖުން ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުގައި ކޯސް ހިންގާ މައްސަލައިގައި އެމްކިއުއޭ އިން ނަސޭހަތް ދީފި
ދަޕްރެސް
4 ޖެނުއަރީ 2026 | އާދިއްތަ | 7:32
އެވިޑް ކޮލެޖުން ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުގެ ކޮލެޖްތަކުގައި ކޯސްތައް ހިންގަމުންދާ މައްސަލައިގައި ނަސޭހަތްތެރިވެފައިވާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީން ނެރުނު ނޫސް ބަޔާޏެއްގައި ބުނީ، އެމްކިއުއޭގެ އެކްރެޑިޓޭޝަން ގަވާއިދު (ގަވާއިދު ނަންބަރު 2022/-77 އާއި "ގައިޑްލައިންސް ފޮ ޕްރޮގްރާމް އެކްރެޑިޓޭޝަން" (ގައިޑްލައިން ނަންބަރު 2022/-39) އާއި އެމްކިއުއޭ އިން އެކްރެޑިޓޭޝަން ދީފައިވާ ޕުރޮގުރާމުތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2025/-89) އާ ހިލާފަށް އެވިޑް ކޮލެޖުން ޕްރޮގްރާމްތަކެއް ހިންގަމުްނދާ ކަމަށް މައުޅުމާތު ލިބިފައިވާ ކަމަށެވެ. އެ ގޮތުން ސްރީލަންކާގެ "އެމަޒޯން ކޮލެޖް" އަދި "އަލްޒެޓް ޔުނިވާސިޓީ" (ވަކި ގައުމެއްކަން ނޭނގޭ) ގައި ޕްރޮގްރާމްތައް ހިންގައި، އެތަންތަނުން ސަނަދު ހޯދި ދަރިވަރުން ސަނަދުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ދަރިވަރުންނާއި، އެކި ގައުމުތަކުގެ ކޮލިފިކޭޝަންސް އެޖެންސީތަކުންނާއި އަދި އެވިޑް ކޮލެޖުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް އެމްކިއުއޭ އިން ބުނެއެވެ.
ހަމައެއާއެކު، ސްރީލަންކާގެ "ޗެސްޓާ ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން" އާއި "އިމްޕީރިއަލް ވިސްޑަމް ގްރެޖުއޭޓް ކެމްޕަސް" އާއި "އިނޮވޭޓަސް ކެމްޕަސް" އާއި "ސިލޯން ކޮލެޖް އޮފް އެޕްލައިޑް ސްޓަޑީޒް" އަދި "ބިޓްވިން ކެމްޕަސް" ގައި އެވިޑް ކޮލެޖްގެ ޕްރޮގްރާމްތައް ސްރީލަންކާގައި ހިންގުމަށް އިޝްތިހާރުކޮށް އިއުލާންކޮށްފައިވާ ކަން ވެސް އެނގިފައިވާ ކަމަށް އެމްކިއުއޭ އިން ބުނެއެވެ. މި ތަންތަނަކީ ސްރީލަންކާގެ ، އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން" ގައި މަތީ ތައުލީމު ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ތަންތަން ނޫން ކަމަށް އެމްކިއުއޭ އިން ބުނެފައި ވެއެވެ.