ދަރިފުޅުގެ ފުރަތަމަ ރޯދަ މަސް: އާއިލާއަށް އަންނަ ވަރަށް ހާއްސަ ދުވަހެއް!
ދަޕްރެސް
19 ފެބްރުއަރީ 2026 | ބުރާސްފަތި | 10:00
ކޮންމެ އާއިލާއަކަށްވެސް އެ އާއިލާއެއްގެ އެންމެ ހަނގު މެންބަރެއްގެ ފުރަތަމަ ރޯދަ ހާއްސަވާނެކަން ޔަގީނެވެ. ރާއްޖޭގައި އާންމުކޮށް އުމުރުން 6 އަހަރުން ފެށިގެން ރޯދައަށް ދަރިފުޅު ތައްޔާރުކުރަން ފަށައެވެ. ބައެއް މައިންބަފައިން ދަރިފުޅު ރޯދައަށް ހުރެވެނީ ކިހާ އިރަކުތޯ ބަލަން ޝައުގުވެރިވާއިރު މުޅި އާއިލާއިންވެސް އެ ދަރިފުޅަށް ހިތްވަރުދޭނީ ރޯދަ ފުރިހަމަކުރުމަށެވެ.
އެހެންނަމަވެސް މިއީ ބައެއް މައިންބަފައިންނަށް އެހާ ފަސޭހަކަމެއް ނޫނެވެ. އަބަދުވެސް ގޭތެރޭގައި އުޅޭ އިރު ފެންބޮއި، ކައި، ސަކަރާތްޖަހާ އުޅޭ ދަރިފުޅަށް ރޯދަ ހުރެވިދާނެކަމާ މެދު ބައެއް މައިންބަފައިންގެ ހިތުގައި ޝައްކު އުފެދެއެވެ. ދަރިފުޅުގެ ކެއުމުގެ ޝެޑިއުލްއަށް އަންނަ ބަދަލާއެކު ބަލިވެދާނެކަމަށް ހީކުރެވެއެވެ. ރޯދައަށް ހުންނައިރު ދަރިފުޅު ވަރުބަލިވެދާނެތީ ބިރު ގަނެއެވެ. އެހެންނަމަވެސް މިއީ އެހާ ހާސްވެ ކަންބޮޑުވާންވީ ކަމެއް ނޫނެވެ.
ރޯދަމަހަށް ދަރިފުޅު ތައްޔާރުކުރުމުގެ ގޮތުން ދަރިފުޅު މި މާތް މަހަށް ލޯބި ޖެއްސުމަށް ރޯދަވެރިޔާއަށް ހުރި ދަރުމަ އާއި ސަވާބުގެ ވާހަކަ ކިޔައިދޭށެވެ. ރޯދަ އަކީ ހަމައެކަނި ﷲ އަށް ކުރާ އަޅުކަމެއް ކަން ބުނެދީ ދަރިފުޅުގެ ވިސްނުމާ، އެއްވަރަށް ކަންކަން އޮޅުން ފިލުވައިދޭށެވެ. މީގެ އިތުރުން ރޯދައިގެ ސަބަބުން ލިބޭ ސިއްހީ ފައިދާތައް ދަރިފުޅަށް ކިޔައިދޭށެވެ. މިގޮތަށް ދަރިފުޅަށް ކަންކަން ކިޔައިދޭއިރު ދަރިފުޅަށް ފަސޭހައިން ވިސްނޭ ގޮތަށް އެ ވާހަކަތައް ކިޔައިދީ، ދަރިފުޅު ކުރާ ސުވާލުތަކަށްވެސް ޖަވާބުދޭށެވެ.