ބައްސާމްގެ މައްޗަށް 19 އަހަރުގެ ޖަލު ހުކުމެއް އިއްވަން ދައުލަތުން އެދިއްޖެ
ދަޕްރެސް
6 ޖެނުއަރީ 2026 | އަންގާރަ | 12:51
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާ ސާބިތުވުމާއި ގުޅިގެން އޭނާގެ މައްޗަށް އެންމެ ބޮޑު ހުކުމް އިއްވައިދޭން ދައުލަތުން އެދިއްޖެއެވެ.
ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާ ސާބިތުވެފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެކަމާއި ގުޅިގެން މިއަދު ވަނީ މައްސަލައިގެ އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން އަޑުއެހުމެއް ބާއްވާފައެވެ. މި އަޑުއެހުމުގައި ދައުލަތުން ވަނީ ބައްސާމްގެ މައްޗަށް 19 އަހަރުގެ ޖަލު ހުކުމެއް އިއްވަދިނުމަށް އެދިފައެވެ.
ހިޔާނާތުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ކުށްވެސް ސާބިތުވެ ބައްސާމަށް ޖުމުލަ 9 އަހަރުގެ ޖަލު ހުކުމެއް މިހާރުވެސް އިއްވާފައިވާއިރު، ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ބައްސާމަށް ކުރަނީ އެފްއޭއެމަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރަށް އޭނާ ހިޔާނާތްތެރިވި ވެގެންނެވެ.