އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފް ކުރަން ގަސްދު ކުރަން: ޕީޖީ
ދަޕްރެސް
6 ޖެނުއަރީ 2026 | އަންގާރަ | 2:36
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ފީފާއިން އެފްއޭއެމްއަށް ދިން ފައިސާއަށް ހިޔާނާތްތެރިވެ، އަމިން އެވެނިއު އިން ޕެންޓްހައުސްއެއް ގަތް މައްސަލައިގައި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރުމާ ގުޅިގެން އެ މައްސަލަ އިސްތިއުނާފް ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.
އަމިން ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ 'އަމިން އެވެނިއު'ގެ ދެ އެޕާޓްމެންޓެއް އެފްއޭއެމްގެ ފައިސާ ބޭނުން ކޮށްގެން ބައްސާމް ހިންގާފައިވާ މުއާމަލާތުގައި އެ ކުންފުނިން އޮޅުވާލައި މަނީ ލޯންޑްރިންއަށް އެހީވި ކަމަށް ބުނާ މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމުގައި ވަނީ އެ މައްސަލަ އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ.
އަމީން ކޮންސްޓްރަކްޝަންގެ އިތުރުން އެ މައްސަލައިގައި ދެން ދައުލަތުން ދައުވާކޮށްފައިވަނީ އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ހެޑްގެ ގޮތުގައި ކުރިން ހުރި ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލުގެ މައްޗަށާއި ހަސަން ވަހީދު ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.