ބައްސާމަށް އިތުރު 23 އަހަރުގެ ޖަލު ހުކުމަކާއެކު 44 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް!
ދަޕްރެސް
6 ޖެނުއަރީ 2026 | އަންގާރަ | 3:04
ފީފާއިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފޮނުވި ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރި މައްސަލާގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އިތުރު 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
ބައްސާމްގެ މައްޗަށް މިދިޔަ އާދީއްތަ ދުވަހު ވަނީ، ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކޮށްގެން ހުޅުމާލޭގެ އަމީން އެވެނިއުއިން ޕެންޓްހައުސްއެއް ގަތް ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ސާބިތުވާ ކަމަށް ހުކުމް ކޮށްފައެވެ. މިއަދު އެ ދައުވާތަކާ ގުޅޭ އަދަބު ކަނޑައަޅަން ޝަރީއަތުގެ މަޖިލީހެއް ކުރިއަށް ގެންދިޔަ އެވެ.
މިއަދުގެ މަޖިލީހުގައި އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން ދެ ފަރާތަށް ފުރުސަތު ދިނުމަށް ފަހު، ގާޒީ މުހައްމަދު މިސްބާހު ކަނޑައެޅުއްވާފައި ވަނީ އަސާސީ އަދަބަށްވުރެ ތިން ދަރަޖަ މަތި އަދަބެކެވެ. އެގޮތުން ހިޔާނާތުގެ ކުށުގެ ދައުވާގައި 8 އަހަރަށް ޖަލަށް ލާން ހުކުމް ކުރެއްވިއިރު މަނީ ލޯންޑަރިންގެ ދައުވާއާއި ގުޅިގެން ބައްސާމް 15 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ.