ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް 'މައި ޕޯޓަލް' ހުޅުވާލައިފި

ދަޕްރެސް

6 ޖެނުއަރީ 2026 | އަންގާރަ | 8:13

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ކެންޑިޑޭޓުންނަށް 'މައި ޕޯޓަލް' ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިހާބުގައި ވާދަކުރަން އެދޭ ފަރާތްތަކުގެ މައުލޫމާތު ފުރިހަމަކޮށް ލިޔެކިޔުންތައް އަޕްލޯޑުކުރުމަށްފަހު ފައިސާ ދެއްކުމަށްޓަކައި އިދާރީގޮތުން "މައި ޕޯޓަލް" މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެ ކޮމިޝަނުން އިތުރަށް ބުނީ މިހާރު ޕޯޓަލް ހުޅުވާލި ނަމަވެސް، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅޭނީ އިންތިހާބަށް ރަސްމީކޮށް އިއުލާނުކުރުމުން ކަމަށެވެ.

އީސީން ބުނީ ދުރާލާ ޕޯޓަލް ހުޅުވުމުގެ ބޭނުމަކީ، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުން ކަމަށެވެ. އަދި އިންތިހާބަށް ރަސްމީކޮށް އިއުލާނުކުރުމާއެކު ފޯމު ހުށަހެޅޭނެ ފުރުސަތު ފަހިކޮށްދިނުންކަމަށް އީސީން ވަނީ ބުނެފައެވެ. އީސީން ވަނީ އިންތިހާބަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން އެފަރާތްތަކުގެ އަމިއްލަ އީފާސް އެކައުންޓް މެދުވެރިކޮށް، މައި ޕޯޓަލް އަށް ލޮގިންވުމަށްފަހު ޕޯޓަލްގައި ކެނޑިޑޭޓުގެ މައުލޫމާތާ، އަޕްލޯޑުކުރަންޖެހޭ ލިޔެކިޔުންތައް އަޕްލޯޑުކުރުމަށްފަހު، އިންތިހާބަށް ދައްކަންޖެހޭ އިދާރީ ފައިސާ ދެއްކުމަށް އެދިފައެވެ.

މައުޟޫޢުތަށް