ހަރަދުކުޑަކުރުމުގެ ނަމުގައި ދެ އިންތިހާބު އެއްކޮލަން އުޅުމަކީ، އެހެން މަގުސަދެއްގައި ކުރަން އުޅޭކަމެއް: ފައިސަލް ނަސީމް
ދަޕްރެސް
6 ޖެނުއަރީ 2026 | އަންގާރަ | 8:17
ހަރަދު ކުޑަ ކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ، އެހެން މަގުސަދެއްގައި ކުރަން އުޅޭކަމެއް ކަމުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ތުހުމަތު ކުރައްވައިފިއެވެ.
މިއަދު ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމަށް އޮންނަ ބާރެއް ކަމަށެވެ. ޒިންމާދާރު މަޖިލީހެއް އޮތުމުން، އޭގެ ފައިދާ ކުރާނީ ސީދާ ރައްޔިތުުންނަށް ކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ ވޭތުވެ ދިޔަ ދޮޅު އަހަރުގެ ތެރޭގައި ގާނޫނު އަސާސީ އާއި، ގާނޫނު ތަކަށް ގެންނަމުންދާ ބަދަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މިއީ ހުރިހާ ބާރު ތަކެއް ވެރިކަން ކުރާ ފަރާތުގެ މުށު ތެރެޔަށް ގެނައުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވަމުން ފައިސަލް ވިދާޅުވީ މިގޮތަށް މިކަން ކުރުމުން މިނިވަން މުއައްސަސާ ތަކުގެ މުސްތަގިއްލުކަން ގެއްލި، ސީދާ ސަރުކާރުގެ ނުފޫޒު މުއައްސަސާ ތަކުގެ މައްޗަށް ގަދަވެގެން ދާކަމަށެވެ. މިކަހަލަ ބަދަލު ތަކުން ރައްޔިތުންނަށް ވާނެ މޮޅެއް ނުފެންނަކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ މިކަމުން ހާސިލްވާ ކަމަކީ ހަމައެކަނި ވެރިކަން ދިފާއުކޮށް، ބޭނުންވާ ބަޔަކަށް ފައިދާ ހޯދައި ދިނުން ކަމަށެވެ.