މަގާމުގެ ކުރިއެރުން ހައްގުވާ ތާރީހުން ފެށިގެން، މުސާރައިގެ ކުރިއެރުން ލިބޭ ގޮތަށް އުސޫލު އިސްލާހުކޮށްފި
ދަޕްރެސް
7 ޖެނުއަރީ 2026 | ބުދަ | 5:31
އައު ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގެ އުސޫލުގެ ތެރެއިން މަގާމުގެ ކުރިއެރުން ހައްގުވާ ތާރީހުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭ ގޮތަށް ސިވިލް ސާވިސް ކޮމިޝަނުގެ އުސޫލު އިސްލާހު ކޮށްފިއެވެ.
ދައުލަތުގެ އާ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް ފުރަތަމަ އިސްލާހު ގެނެސްފައިވާއިރު ސިވިލް ސާވިސް ކޮމިޝަނުން ބުނީ އިސްލާހު ގެނެސްފައި ވަނީ އެ އުސޫލުގެ ހަތަރު ވަނަ ނަންބަރަށް ކަމަށެވެ.
އެ އުސޫލު ކުރިން އޮންނަ ގޮތުން މުސާރައިގެ ކުރިއެރުން ދެވޭނީ އެކަމަށް ބޭނުންވާ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށްފަހު ކޮމިޝަނަށް ހުށަހެޅުމުން، މިނިސްޓްރީން ހުއްދަ ދީފައިވާ ތާރީހުން ފެށިގެންނެވެ. އެހެން ނަމަވެސް އުސޫލަށް މިހާރު ގެނައި އިސްލާހާއެކު، މާލީ ވުޒާރާގެ ހުއްދައާއެކު ކޮމިޝަނަށް ހުށަހެޅުމުން އެ މުވައްޒަފަށް ކުރިއެރުން ދޭނީ، އެ މުވައްޒަފަކަށް ކުރިއެރުން ހައްގުވާ ތާރީހުން ފެށިގެންނެވެ.