ލަންކާ އާއި ރާއްޖެއާ ދެމެދު ވިސާ އަދި ވޯކް ޕާމިޓް އުވާލަން ނަޝީދު ގޮވާލައްވައިފި
ދަޕްރެސް
8 ޖެނުއަރީ 2026 | ބުރާސްފަތި | 6:05
ލަންކާއާއި ރާއްޖެއާ ދެމެދު ވިސާ އަދި ވޯކް ޕާމިޓް އުވާލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ، ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނާ މެދު އެ ގައުމުގެ އިމިގްރޭޝަން ޑިޕާޓްމަންޓުގެ އޮފިޝަލުން އިހާނެތިކޮށް ހިތައި ތަފާތުކުރާތީ އާއި ވިސާގެ ކަންކަމުގައި ދަތިކުރާތީ ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.
ލަންކާގެ 'ޑެއިލީ ނިއުސް'އަށް ދެއްވި އިންޓަވިއުއެއްގައި މަސްއޫދު ވަނީ ވިސާ ހޯދުމަށްޓަކައި ދިވެހިން ހެނދުނު 9 އިން ފެށިގެން ހަވީރު 5 އާ ހަމައަށް ދިގު ކިއޫތަކުގައި ވަގުތު ހޭދަކުރަން މަޖުބޫރުވެފައިވާ ކަމަށެވެ. އަދި ދިވެހި ދަރިވަރުންނާއި ބެލެނިވެރިން އަމިއްލައަށް ވިސާއަށް އެދި ހުށަހަޅާ ހާލަތްތަކުގައި، ވިސާ ހޯދުމަށްޓަކައި އެ ޑިޕާޓްމަންޓުގައި ގަޑިއިރުތަކެއް ވަންދެން މަޑުކުރަންޖެހޭ ކަމުގައި މަސްއޫދު ވިދާޅުވިއެވެ.