ދިވެހިން ދިރިއުޅޭ އެހެން ގައުމުތަކުގައި ވޯޓުފޮށި ނުބެހެއްޓީ އަދަދަށް މީހުން ރަޖިސްޓްރީކޮށްފައި ނުވާތީ: އީސީ
ދަޕްރެސް
9 ޖެނުއަރީ 2026 | ހުކުރު | 5:31
އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސްރީލަންކާ އާއި މެލޭޝިއާ ފިޔަވައި ދިވެހިން ދިރިއުޅޭ އެހެން ގައުމުތަކުގައި ވޯޓުފޮށި ނުބެހެއްޓީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި އަދަދަށް މީހުން ރަޖިސްޓްރީކޮށްފައި ނުވާތީ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ރާއްޖޭއިން ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބެހެއްޓުމުގެ ޝަރުތުތަކުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާން 2،000 މީހުން ރަޖިސްޓަރީ ވެއްޖެ ނަަމަ އެ ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި ކޮންމެ ދާއިރާއަކުން ވޯޓުލެވޭ 40 މީހުން އެ ވޯޓު ފޮށީގައި ރަޖިސްޓަރީ ކުރުމަކީވެސް ޝަރުތެކެވެ.
މިފަހަރު އިންތިހާބުގައި އެ މިންގަނޑަށް ފެތެނީ މެލޭޝިއާ އާއި ސްރީލަންކާ ކަން ފާހަގަކޮށް އީސީގެ ނައިބު ރައީސް އަހުމަދު ސޮލާހު ރަޝީދު ރާއްޖެ އިން ބޭރުގައި ވޯޓު ފޮށްޓެއް ބަހައްޓާއިރު ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭތީ އެ ކަމަކަށް ވެސް ރިއާޔަތްކުރާ ކަމަށެވެ.