ބޮޑުތަކުރުފާނުމަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށް!
ދަޕްރެސް
10 ޖެނުއަރީ 2026 | ހޮނިހިރު | 4:53
ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފަށާފައި ވަނީ މިދިޔަ އޮގްސްޓު މަހުގެ ތެރޭގައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އެމްޓީސީސީއާއެވެ.
3 ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިންމާ އާންމުންނަށް ހުޅުވާލާފައިވާއިރު މިހާރު ކުރިއަށްދަނީ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ. އެއީ ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިގެން، ނޯތު ހާބަރަށް ހިމެނޭ ސަރަހައްދެވެ. މި ސަރަހައްދުގައި ހިމެނޭ 250 މީޓަރު ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ ހަތަރު ލޭނަކަށެވެ. އަދި ރޯދައިގެ ކުރިން މި ފިޔަވަހީގެ މަސައްކަތް ނިންމާ، އާންމުންނަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.