ކުދި ވިޔަފާރިތަކާއެކު ޑައިލޮގް ބައްދަލުވުންތަކެއް ބާއްވާނެ ކަމުގެ އިޝާރާތެއް މިނިސްޓަރު ދެއްވައިފި
ދަޕްރެސް
10 ޖެނުއަރީ 2026 | ހޮނިހިރު | 4:50
ވިޔަފާރިތަކުގެ އަޑު އެހުމަށް ޑައިލޮގް ގޮތަށް ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަކީ މުހިއްމު ކަމެއް ކަމަށާއި އެފަދަ ބައްދަލުވުންތަކެއް ބާއްވަމުން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އޮތެންޓިކް މޯލްޑިވްސްގެ 6 ވަނަ އަހަރީ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. ސައީދު ވިދާޅުވީ، ވިޔަފާރިތަކަށް ދެވޭ ހިދުމަތްތައް ހަރުދަނާ ކުރެވޭނީ ސީދާ ވިޔަފާރިވެރިންނާ ވާހަކަ ދައްކައި ސީދާ މައްސަލަތައް ދެނެގަނެގެން ކަމަށެވެ. އެހެންކަމުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު، ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމާއެކު، ކުދި ވިޔަފާރިތަކާއެކު ބައްދަލުވުންތަކެއް ބާއްވަމުން ގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އޮތެންޓިކް މޯލްޑިވްސްގެ 6 ވަނަ އަހަރީ ޙަފްލާގައި ވަނީ 2025 ވަނަ އަހަރު އޮތެންޓިކް މޯލްޑިވްސްގެ ބެސްޓް ސެލާ އެވޯޑު 10 ފަރާތަކަށް ދީފައެވެ. ރާއްޖޭގެ އަމިއްލަވަންތަ އުފެއްދުންތައް އިޝްތިހާރުކޮށް، ވިއްކައި، އެއިން ދިވެހި އުފެއްދުންތެރިންނަށް ނަފާ ހޯދަދިނުމުގެ މަގްސަދުގައި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު "އޮތެންޓިކް މޯލްޑިވްސް"ގެ ނަމުގައި އިފްތިތާހު ކުރި ހާއްސަ މަރުކާއަކީ ދިވެހި އުފެއްދުންތެރިންނަށް އާރޯކަމާ އުޖާލާކަން ގެނުވަދިން ހާއްސަ މަރުކާއެކެވެ.