ކުދި ގައުމުތަކުގެ ސިޔާދަތު ބައިނަލްއަގްވާމީ ނިޒާމުގެ ތެރެއިން ރައްކާތެރިކުރުމަށް ހަލީލް ގޮވާލައްވައިފި
ދަޕްރެސް
11 ޖެނުއަރީ 2026 | އާދިއްތަ | 9:13
ކުދި ގައުމުތަކުގެ ސިޔާދަތު ބައިނަލްއަގްވާމީ ނިޒާމުގެ ތެރެއިން ރައްކާތެރިކުރުމަށް ފޮރިން މިނިސްޓަރު ޑރ.ހަލީލް ގޮވާލައްވައިފިއެވެ.
ހަލީލް މިފަދައިން ގޮވާލެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ހާރިޖީ ވަޒީރުންގެ ފެންވަރުގައި ސައުދީ އަރަބިއްޔާގެ ޖިއްދާގައި އިއްޔެ ބޭއްވި 22 ވަނަ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުންނެވެ. މިއީ ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިސްރާއީލުން ނިންމި ނިންމުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ތަގްރީރު ކުރައްވަމުން ހަލީލް ވިދާޅުވީ، އިސްރާއީލުގެ މި ނިންމުމަކީ ސޯމާލިއާގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަންލިބޭ، ބައިނަލްއަގްވާމީ އުސޫލުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ. އަދި އިސްރާއީލުގެ މިފަދަ ނިންމުންތަކާމެދު ދިވެހި ސަރުކާރުން ކަންބޮޑުވާކަން ފާހަގަކުރައްވައި، މިއީ އދ ގެ ޗާޓަރާވެސް ފުށުއަރާ ކަމެއްކަމަށް ވަނީ ވިދާޅުވެފައެވެ.