ރަށްރަށުން: 400 މީހުން ހަމަނުވާ އާބާދީއެއް އޮތް ރަކީދޫގައި ދިރިއުޅެނީ 70 މީހުން
ދަޕްރެސް
4 މާރިޗު 2026 | ބުދަ | 10:05
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އާބާދީ މަދުވުމުގެ ސަބަބުން ގޮންޖެހުންތަކާ ދިމާވާ މަދު ރަށްރަށް އެބަހުއްޓެވެ. އޭގެތެރެއިން ވ. ރަކީދޫއަކީ މިފަދަ ތަކްލީފްތަކާ ކުރިމަތިލާން ޖެހޭ ރަށެކެވެ. 376 މީހުންގެ އާބާދީއެއް އޮތް ރަކީދޫގައި މި ވަގުތު ދިރިއުޅެމުން އަންނަނީ 110 މީހުންނެވެ. އެއީ އެ ރަށުގައި މަސައްކަތް ކުރާ ބިދޭސީންނާ އެކުގައެވެ. ހަމައެކަނި އެ ރަށުގެ ރައްޔިތުންނަށް ބަަލައިފި ނަމަ އެ އަދަދު އުޅެނީ 70 ގައެވެ.
އާބާދީ މަދު ރަށްރަށުގެ ތެރެއިން ރަކީދޫއަކީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭ ރަށެކެވެ. އެގޮތުން ރަށުގެ އާބާދީ މަދުވުމުގެ ސަބަބުން ރަށުގެ ތަރައްގީގެ ގިނަ މަސައްކަތްތައް ކުރިއަށް ނުގެންދެވި ހުއްޓިފައި އޮތުމުގެ އިތުރުން، އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ރަށުގައި ކުދިންނަށް ކިޔަވައިދޭނެ ސްކޫލެއް ނެތުމެވެ.
ކުރީގެ ރައީސް އަބްދުލް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރަކީދޫގައި ކިޔަވައިދެމުން ދިޔަ ސްކޫލް ވަނީ ބަންދުކޮށްފައެވެ. އޭގެ 16 އަހަރު ފަހުން 2023 ގައި އެ ރަށުގައި ސަރުކާރު ސްކޫލް ހުޅުވައި ކިޔަވައިދޭން ފެށީ 5 ވަރަކަށް ދަރިވަރުންނާއެކުގައެވެ. ނަމަވެސް ސްކޫލް ހުޅުވައި ކިޔަވައި ދޭން ފެށި ކަމުގައި ވީ ނަމަވެސް މާ ގިނަ ދުވަހެއް ނުވެ އެ އާއިލާތައް ވެސް އެހެން ރަށްރަށަށް ހިޖުރަ ކުރުމުން އެ ސްކޫލް ވެސް ވަނީ ބަންދު ކޮށްފައެވެ.