ސްޓެލްކޯގެ އެމްޑީކަމުން އިއްޔެ ވަކިކުރި ޝަމާހްގެ ކޮރަޕްޝަން މައްސަލައެއް އޭސީސީން ބަލަން ފަށައިފި
ދަޕްރެސް
12 ޖެނުއަރީ 2026 | ހޯމަ | 12:35
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ ވަކިކުރި އަހްމަދު ޝަމާހް ރަޝީދުއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ސްޓެލްކޯގެ އެމްޑީގެ މަގާމަށް ޝަމާހު އައްޔަންކުރީ އޭރު ސްޓެލްކޯގެ އެމްޑީގެ މަގާމުގައި ހުންނެވި ހުސެއިން ފަހުމީ އެ މަގާމުން ވަކި ކުރުމަށްފަހު އެވެ. މަގާމުދިންތާ މާ ގިނަ ދުވަހެއް ނުވަނީސް އިއްޔެ ޝަމާހު ވަކި ކުރި ނަމަވެސް އޭނާ ވަކިކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ހާމަކޮށްފައި ނުވެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނީ، ޝަމާހު އާއި ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އޭސީސީން ހިއްސާކޮށްފައި ނުވެއެވެ. ޝަމާހުއަކީ މި ސަރުކާރުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ސީއީއޯގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.