ފުލިދޫ ކުނި މެނޭޖްކުރަން މެޝިން ހޯދުމުގައި މާލިއްޔަތު ގަވައިދާ ހިލާފްވުމުން ކައުންސިލަށް ބޮޑު ގެއްލުމެއް!
ދަޕްރެސް
12 ޖެނުއަރީ 2026 | ހޯމަ | 9:05
ވ. ފުލިދޫ ކައުންސިލުން އެ ރަށުގެ ކުނި މެނޭޖް ކުރުމައްޓަކައި ތާމަލް ޑީކޮމްޕޮޒިޝަން މެޝިނެއް ގަނެ، އިންސްޓޯލް ކުރުމަށް ހަވާލު ކުރި ފަރާތުން އެއްބަސްވުމާ ހިލާފުވުމުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމުން މާލީ ގޮތުން ކައުންސިލަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.
ފަތުރުވެރިކަމުގެ ގޮތުން ކުރިއަރަމުން އަންނަ ފުލިދޫގެ ކުނި މެނޭޖް ކުރުމުގެ ކަންކަން ހައްލުކުރުމަށް ތާމަލް ޑީކޮމްޕޮޒިޝަން މެޝިނެއް ހޯދުމަށް އިއުލާންކޮށްފައި ވަނީ ފެބްރުއަރީ 15، 2023 ގައެވެ. ތިން ފަހަރަށް އިއުލާން ކުރުމުން ވެސް އިތުރު ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ ބިޑް ހުށަހެޅި އަމިއްލަ ކުންފުންޏަކަށް މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކުރި އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުގައި ބިޑް ހުށަހެޅި އަމިއްލަ ކުންފުނިން ހުށަހަޅާފައިވާ އަގު، 1،078،580 ރުފިޔާއަކީ އެކަށީގެންވާ އަގެއް ކަމަށާއި އެއީ ތަޖުރިބާ ހުރި ކުންފުންޏެއް ކަމުން އެ މަސައްކަތް ހަވާލުކުރަން އޭޕްރިލް 11، 2023 ގައި ފުލިދޫ ކައުންސިލް އިދާރާގެ ބިޑު ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އެގޮތުން މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ އެ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ.