ބަންގްލަދޭޝް އަށް ދަތުރުކުރާ ދިވެހިން ދަތުރުގެ ކުރިން ވިސާ ހަމަޖައްސަން އިލްތިމާސްކޮށްފި
ދަޕްރެސް
13 ޖެނުއަރީ 2026 | އަންގާރަ | 9:19
އަންނަ ފެބްރުއަރީ މަހުގެ 15ގެ ނިޔަލަށް ބަންގްލަދޭޝް އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލާތީ، އެ ގައުމަށް ދަތުރުކުރާ ދިވެހިން ދަތުރުކުރުމުގެ ކުރިން ބަންގްލަދޭޝް ހައި ކޮމިޝަނުން ވިސާ ނެގުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.
އެ މިނިސްޓްރީން މިހެން ބުނެފައި ވަނީ، އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން އެ ގައުމުގެ ސަރުކާރުން ނިންމި ނިންމުމާ ގުޅިގެންނެވެ. އެގޮތުން މި މަހުގެ 15 އިން ފެށިގެން އަންނަ މަހުގެ 15 ގެ ނިޔަލަށް އެ ގައުމަށް ދަތުރުކުރާ އެންމެހައި ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
އެ ގައުމުގެ ސަރުކާރުގެ މި ނިންމުމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ، އެ މުއްދަތުގެ ތެރޭގައި ބަންގްލަދޭޝް އަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން ދަތުރުގެ ކުރިން ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބޭނުންވާ ވިސާ ނެގުމަށް އިލްތިމާސްކުރާ ކަމަށެވެ.