އައްޑޫގައި ހަރަކާތްތެރިވާ "ސްކޫޕު" ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅާ ދިނުމަށް އެދި ހައިކޯޓަށް ހުށަހަޅައިފި
ދަޕްރެސް
15 ޖެނުއަރީ 2026 | ބުރާސްފަތި | 2:05
އައްޑޫސިޓީ ހިތަދޫގައި "ސްކޫޕު" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ކުށްކުރާ ގްރޫޕެއްކަމަށް ކަނޑައަޅާދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ހައިކޯޓަށް ހުށަހަޅައިފިއެވެ.
ޕީޖީ އޮފީހުން ބުނީ، ދިވެހި ފުލުހުންގެ ހިދުމަތުން ހުށަހެޅި ހުށަހެޅުމާއި، ހެކިތައް މި އޮފީހުން ދިރާސާކޮށް ބެލިއިރު "ސްކޫޕު" ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް" އެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ، އަދި މިހާރުވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ގްރޫޕެއްކަމަށް އެ އޮފީހަށް ފެންނަ ކަމަށެވެ.
އެހެންކަމުން މި ހުށަހެޅުމުގައި އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ފާހަގަވެފައިވާ 9 މީހަކީ އެ ގްރޫޕްގެ މެންބަރުން ކަމަށް ކަނޑައަޅާދިނުމަށް އެދިފައި ވެއެވެ. ހަމަ އެހެންމެ އެއީ އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ބެލެވޭ "އެސް ކޭ ޕީ ސްޕޯޓްސް ކްލަބް" އުވާލުމަށް ކޮމިޝަނާ އޮފް ސްޕޯޓްސްގެ މައްޗަށް އަމުރުކޮށްދެއްވުމަށާއި، އައްޑޫ ސިޓީގެ އެކި ތަންތަނުގައި އެ ގްރޫޕްގެ ނަން ލިޔެފައިވާ ފާރުތަކުން އެ ނަންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދެއްވުމަށް ވެސް ވަނީ އެދިފައެވެ.