އިރާގު ހަލާކުކޮށްލުމުގައި އެމެރިކާގެ ގާތް ބައިވެރިޔާ ބްލެއާ ހިމެނޭ ގޮތަށް ގާޒާ ހިންގާ ގްރޫޕު އުފައްދައިފި
ދަޕްރެސް
18 ޖެނުއަރީ 2026 | އާދިއްތަ | 8:55
އެމެރިކާގެ ރައީސް ރިޔާސަތު ބަލަހައްޓަވާ ގޮތަށް އުފެއްދި 'ބޯޑް އޮފް ޕީސް' ގައި ހިމެނޭނެ މެންބަރުން ވައިޓްހައުސް އިން އިއުލާން ކޮށްފިއެވެ.
މައިގަނޑު ދެ މަސައްކަތެއް ކުރުމަށް ޖުމްލަ 2 ބޯޑެއް އުފައްދާފައި ވާ އިރު، ބޯޑް އޮފް ޕީސް ނުވަތަ އެގްޒެކެޓިވް ބޯޑުގެ މައިގަނޑު މަސައްކަތަކީ، ގާޒާގެ ކަންކަން އިންތިޒާމުކޮށް ހިންގުމާއި ގާޒާ އާރާސްތު ކުރުމުގެ މަސައްކަތް ބެލެހެއްޓުމެވެ. ބޯޑުގެ ކޮންމެ މެންބަރަކަށް ވެސް މެންޑޭޓެއް ކަނޑައަޅާފައި ވާ ކަމަށް ވައިޓްހައުސް އިން ބުނެފައި ވީ ނަމަވެސް އެއީ ކޮން މަސައްކަތެއް ކަމެއް އަދި ހާމައެއް ނުކުރެއެވެ.
ކޮމިޓީގައި ހިމެނޭ މެންބަރުންގެ ނަންތައް އިއުލާން ކުރުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާޑުކިޔުން އަމާޒު ވަމުން އަންނަ އިރު އެންމެ ބޮޑު ފާޑުކިޔުމަކަށް ވީ، އެ ކޮމިޓީގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ ހިމެނިފައި ވުމުންނެވެ. އެ ބްލެއާގެ ނަން ހިމެނޭކަމަށް މީގެ ކުރިން އަޑު އެރިއިރު ވެސް އާންމުންގެ އެންމެ ބޮޑު ފާޑުކިޔުމަކަށް ވީ، އެމެރިކާއިން އިސްވެ ކުރި އީރާގު ހަނގުރާމައިގައި އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރި ކަމަށް ދުނިޔޭގެ ލީޑަރުންނަށް އޮޅުވާލައި ވިސްނައިދެއްވުމުގައި ބްލެއާ އަދާކުރެއްވި ދައުރާއި، މެދުއިރުމަތި އަޅުވެތި ކުރުމުގައި އިނގިރޭސީންގެ އޮތް ތާރީހެވެ.