ޑިމޮކްރެޓްސްގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
ދަޕްރެސް
18 ޖެނުއަރީ 2026 | އާދިއްތަ | 8:23
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު 2026 ގައި 'ދަ ޑިމޮކްރެޓްސް' ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
ޑިމޮކްރެޓްސް އިން ބުނީ، އެ ޕާޓީގެ އިންޓެރިމް ކޮމިޓީން ވަނީ އީސީއާ ބައްދަލުކޮށް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތާއި، ޕާޓީގެ އިދާރާއިން ކުރަންޖެހޭ ކަންކަމާ ގުޅޭ މައުލޫމާތު ހޯދާ އެކަމަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން މި އިންތިހާބުގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ޑިމޮކްރެޓްސް އިން ބުނެއެވެ.
މި އިންތިހާބުގެ އެޕްލިކޭޝަން ހުށަހެޅުމަށް އީސީއިން ގާއިމްކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ކަމަށާއި އެ ޕޯޓަލް އިން ފޯމް ހުށަހަޅަން ވަންނަ ފަރާތްތަކުން އީފާސް މެދުވެރިކޮށް ލޮގިން ވާން ޖެހޭނެ ކަމަށް ޑިމޮކްރެޓްސް އިން ބުނެއެވެ. އައިޑީ ކާޑު، ފޮޓޯ އަދި ކްރިމިނަލް / ދަރަނި ކްލިއަރަންސް ރިޕޯޓް އެ ޕޯޓަލް އަށް އަޕްލޯޑް ކުރަން ޖެހޭނެ ކަމަށް ވެސް ޑިމޮކްރެޓްސް އިން ބުނެއެވެ. އަދި އޮންލައިންކޮށް ހުށަހަޅާ އެޕްލިކޭޝަންގައި ޑިމޮކްރެޓްސް ޕާޓީ އިހްތިޔާރު ކުރުމުންއެ ކެންޑިޑޭޓަކު އެންޑޯސް ކޮށްދޭނެ ކަމަށް ޑިމޮކްރެޓްސް އިން ބުނެއެވެ.