މާލޭ ރައްޔިތުންގެ ހިތްތައް ފަތަހަ ކުރާނީ ލޯތްބާއި ކުލުނާއި އޯގާތެރިކަމާއެކު: މޫސާ ޖަލީލް

ދަޕްރެސް

18 ޖެނުއަރީ 2026 | އާދިއްތަ | 11:19

މާލޭގެ ރައްޔިތުންގެ ހިތްތައް ފަތަހަ ކުރާނީ ލޯތްބާއި ކުލުނާއި އޯގާތެރިކަމާއެކު ކަމަށާއި ރައްޔިތުންގެ ބޭނުންތައް ސަރުކާރާ ގުޅިގެން ފުއްދައި ދެއްވާނެ ކަމަށް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަަމަށް ޕީއެންސީ ޓިކެޓްގައި ވާދަކުރައްވާ ރިޓަޔާޑް މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެއެވެ.

ޕީއެންސީން މާލޭގެ މޭޔަރު ކަމަށް ވާދަކުރާ ކެންޑިޑޭޓްގެ ކެމްޕެއިން އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަަކަ ދައްކަވަމުން މޫސާ ޖަލީލް ވިދާޅުވީ، ރާއްޖޭގެ ވެރިކަން ކުރާ ރަށް، މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ވެރިކަން ކުރާ ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަށް ވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. މި ޝަރަފް ދެއްވީތީ ޕާޓީގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށާއި ޕާޓީގެ ލިޑާޝިޕާއި މެންބަރުންނަށް ހާއްސަ ޝުކުރެއް މޫސާ އަލީ ޖަލީލް ވަނީ އަދާ ކުރައްވާފައެވެ.

ފުރަ މާލެ އަކީ ރާއްޖޭގެ ވެރިކަން ކުރާތާ އެތައް ސަތޭކަ އަހަރެއް ވެފައިވާ ސަހަރު ކަމަށާއި ތާރީހީ ފަތްފުއްތަކުން މި ސިޓީ ބެލެހެއްޓޫމުގެ ކަންކަން ބަދަލުވަމުން އައިސްފައިވާ ކަމަށް މޫސާ ޖަލީލް ވިދާޅުވިއެވެ. އެގޮތުން މާލެ ސިޓީގައި މޭޔަރު ހޮވައިގެން ސިޓީ ކައުންސިލް ހިންގަން ފެށީ 2011 ގައި ކަމަށާއި ނަމަވެސް ރައްޔިތުން އެދޭ ގޮތަށް މާލެ ސިޓީ ކައުންސިލް ހިންގަން ފެށީ 2021 ވަނަ އަހަރުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ މިހާތަނަށް އެންމެ ގިނަ ވޮޓާއެކު އިންތިހާބުވި މާލޭގެ މޭޔަރު ކަމުގެ ދުވަސްވަރު ކަމަށާއި އެއީ ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު ކަމަށް މޫސާ ޖަލީލް ވިދާޅުވިއެވެ.

މައުޟޫޢުތަށް