މިދިޔަ އަހަރުގެ ބަޖެޓު ޑެފިސިޓް 73.5 ޕަސެންޓް ކުޑަ: ފިނޭންސް މިނިސްޓްރީ

ދަޕްރެސް

19 ޖެނުއަރީ 2026 | ހޯމަ | 7:41

މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓަށް ލިބުނު އާމްދަނީ އާއި ހަރަދުތައް ދައްކުވައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި، ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ޖުމްލަ ހަރަދުތައް ކުޑަވުމާ ގުޅިގެން ދައުލަތުގެ އޯވަރޯލް ޑެފިސިޓް ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު 9.6 ބިލިއަން ރުފިޔާއިން ދަށްވެފައެވެ. މިއީ ކުރީ އަހަރާ އަޅައިބަލާއިރު 73.5 ޕަސެންޓްގެ ދަށްވުމެކެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 39.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 35.1 ބިލިއަން ރުފިޔާއާ އަޅާބަލާ އިރު 12.9 ޕަސެންޓްގެ ކުރިއެރުމެކެވެ.

އެ އަހަރަށް އަންދާޒާކޮށްފައިވާ އާމްދަނީ އާއި ހިލޭ އެހީއަކީ 39.8 ބިލިއަން ރުފިޔާއަށް ވީއިރު، ހިލޭ އެހީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބޭނެކަމަށް ބެލެވުނު ނަމަވެސް، އަހަރު ނިމުނުއިރު ލިބިފައިވަނީ 415.2 މިލިއަން ރުފިޔާއެވެ. އަންދާޒާތަކަށް ވުރެ ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވި ނަމަވެސް، ޓެކްސް އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ މިންވަރު ވަނީ ބަޖެޓުގެ އަންދާޒާތަކަށް ވުރެ 5.5 ޕަސެންޓް ނުވަތަ 2.0 ބިލިއަން ރުފިޔާ އިތުރަށް ލިބިފައެވެ.

މައުޟޫޢުތަށް