ލޭ ހޯދަން ރައްޔިތުން ގަނަތެޅެނީ، މި ދަތިކަމަށް އަދިވެސް ހައްލެއް ނުލިބޭ: އެމްޕީ މުހައްމަދު އިބްރާހިމް
ދަޕްރެސް
20 ޖެނުއަރީ 2026 | އަންގާރަ | 9:17
ލޭ ހޯދަން ރައްޔިތުން އަދިވެސް ގަނަތެޅެނީކަމަށާއި، މި ދަތިކަމަށް އަދިވެސް ހައްލެއް ނުލިބޭކަމަށް ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޕީ މުހައްމަދު ވިދާޅުވީ އޭ ނެގެޓިވް ލޭ ނުލިބިގެން މިއަދުވެސް ބަޔަކު އެބަ އުޅޭކަމަށާއި، ތަރައްގީގެ މުހިއްމު އެއްބަޔަކީ ރައްޔިތުން ގަނަނުތެޅޭނެ ނިޒާމުތަކެއް ގާއިމް ކުރެވުން ކަމަށެވެ. ލޭ ހޯދުމަށް ފަސޭހަ ނިޒާމެއް އަދިވެސް ގާއިމު ނުކުރެވޭކަން ފާހަގަކޮށް އެމްޕީ ވިދާޅުވީ މިކަމުގައި އަމަލީ އެހީތެރިކަން ފޯރުކޮށްދޭންވެސް އެތައް ފަހަރަކު ހުށަހެޅިފައިވާކަމަށެވެ.
އެއާއެކު އެމްޕީ ވަނީ 16 ޖޫން 2025 ގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމަށް ފޮނުއްވި ސިޓީއެއް ހިއްސާކުރައްވާފައެވެ. އެ ސިޓީގައި ލޭގެ ހިދުމަތް މޮނިޓާކުރާ މޯލްޑިވިއަން ބްލަޑް ސާވިސަސްއާއި ލޭގެ ހިދުމަތުގެ ސިޔާސަތުތައް ކަނޑައެޅުމާއި މިނިސްޓަރަށް ލަފާދިނުމަށްޓަކައި އެކުލަވާލާފައިވާ ނޭޝަނަލް ބްލަޑް ކައުންސިލާއެކު ފެބްރުއަރީ 24، 2025 ގައި ބައްދަލުކުރައްވާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.