އައިންތު މިސް: ގައުމަށް ގެއްލިގެން ދިޔައީ ދިވެހި ބަހުގެ އަގުހުރި ހިދުމަތްތެރިއެއް!
ދަޕްރެސް
22 ޖެނުއަރީ 2026 | ބުރާސްފަތި | 1:32
ތައުލީމީ ދާއިރާގައި 34 އަހަރު ހޭދަކުރައްވާފައިވާ އަމީނިއްޔާ ސްކޫލުގެ ދިވެހި ޓީޗަރު، އާމިނަތު ހަސަން (އައިންތު މިސް) ނިޔާވި ހަބަރާއެކު މުޅި ސޯޝަލް މީޑިއާ ފުރާލީ ތައުޒިޔާގެ މެސެޖުތަކާއި، އައިންތު މިސްގެ ހިތް ހެޔޮކަމާއި އަދި އަގު ނުކުރެވޭނެ ހިދުމަތުގެ ވާހަކައިންނެވެ.
މީގެ ދޮޅު އަހަރެއްހާކުރިން، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަން ފެއްޓެވި އާއިންތު މިސް ނިޔާވީ މިއަދު ހެނދުނު އައިޖީއެމްއެޗްގައެވެ. ނިޔާވިއިރު އޭނާގެ އުމުރަކީ 58 އެކެވެ.
އައިންތު މިސްއަކީ ދިވެހި މާއްދާއިން ޑިގުރީ ހާސިލުކުރެއްވި ފުރަތަމަ ބެޗުން ދަސްވެނިވެވަޑައިގެން ބޭފުޅެކެވެ. އައިންތު މިސް، އެންމެ ގިނަ ދުވަހު މަސައްކަތްކުރެއްވީ އަމީނިއްޔާ ސްކޫލުގައެވެ. އައިންތު މިސްގެ ކިޔަވައިދިނުމުގެ ބިންގާ އެޅިގެން ދިޔަ އަމީނިއްޔާ ސްކޫލުގައި 23 އަހަރު މަސައްކަތް ކުރެއްވިއެވެ.