ޕޯޓަލްއަށް ވަދެވޭނީ ހުއްދަ އޮންނަ ފަރާތްތަކަށް އެކަނި، ދޮގު މައުލޫމާތު ނުފަތުރާ: އީސީ
ދަޕްރެސް
23 ޖެނުއަރީ 2026 | ހުކުރު | 10:47
އިލެކްޝަން ކޮމިޝަން (އީސީ)ން ގާއިމުކޮށްފައިވާ ނިޒާމުތަކުގައިވާ މައުލޫމާތުތަކަކީ ރައްކާތެރިކަމާއެކު، އެމައުލޫމާތު ބޭނުންކުރަންޖެހޭ ހާލަތްތަކުގައި ހުއްދަލިބިފައިވާ ފަރާތްތަކަށް އެކަނި ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ނިޒާމެއް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އީސީން މިހެން ބުނެފައި ވަނީ އެ ކޮމިޝަންގެ ޕޯޓަލަށް ވަދެ މައުލޫމާތު ނެގުމުގެ ފުރުސަތު ޕީއެންސީއަށް އޮތް ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތު ކުރުމާ ގުޅިގެންނެވެ.
އެގޮތުން އެ ވާހަކަތަކަށް ރައްދުދީ އެ ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ އެކަމަށް އެދި ހުށަހަޅާ ލިޔުން އެ ކޮމިޝަނަށް ލިބޭތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި، ހުށަހެޅުމާމެދު ނިންމިގޮތް އަންގަންވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ކެންޑިޑޭޓަކަށް ވުމަށް އެދި ފޯމު ލިބެމުންދާ މިންވަރަކުން، ބަޔާންކޮށްފައިވާ މުއްދަތަށް ވުރެ ކުރިން ޖަވާބު ދެމުންދާ ކަމަށެވެ.