ހުޅުމާލޭގައި އަލަށް ހުޅުވާ ޝަހީދު އަލީ ސްކޫލްގެ ކަރަންޓުގެ ހުރިހާ މަސައްކަތެއް ނިމިއްޖެ
ދަޕްރެސް
23 ޖެނުއަރީ 2026 | ހުކުރު | 7:51
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ޝަހީދު އަލީ ސްކޫލަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކުރިއަށް ގެންދިޔަ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ، އެ މަސައްކަތުގެ ދަށުން މެއިން ޕެނަލްތަކަށް ކޭބަލް އެޅުމާއި، ކަނެކްޝަންތައް ހަދައި ޓެސްޓުކުރުމުގެ އިތުރުން، ޕެނަލްތަކުން ފެށިގެން ކުލާސް ރޫމްތަކަށް ކަރަންޓް ދިނުމަށް ބަހައްޓާފައިވާ ޑިސްޓްރިބިއުޝަން ބޯޑްތައް ޓެސްޓްކޮށްފައިވާ ކަމަށެވެ. ހަމައެއާއެކު ކަރަންޓް ވަޔަރިންގެ ސަލާމަތްތެރިކަން ޔަގީން ކުރަން ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް ވަނީ ފުރިހަމަ ކޮށްފައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރި އާ ސްކޫލްގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓާވައި ދެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. 1500 ދަރިވަރުންގެ ޖާގައިގެ މި ސްކޫލްގައި ކިޔަވައި ދިނުން ދިރާސީ އާ އަހަރާ އެކު ފެށުމަށް ވަނީ ހަމަޖެހިފައެވެ.