މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމުކޮށް، އާންމު ޓެސްޓުތައް ހެދޭނެ ގޮތް ހަމަޖެހޭނެ: ނާޒިމް
ދަޕްރެސް
24 ޖެނުއަރީ 2026 | ހޮނިހިރު | 4:07
މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމުކޮށް އާންމު ޓެސްޓުތައް އެތަންތަނުގައި ހެދޭނެ ގޮތް ހަމަޖެހޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
"ތަރުޖަމާނާ އެކު" ޕޮޑްކާސްޓުގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ޑައިގްނޯސްޓިކް ހިދުމަތް ވަރުގަދަކުރުމަށް ކަމަށާއި އެ ގޮތުން ރަށުގައި ތިބެގެން ސިއްހީ ހިދުމަތް ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ބޭސް ފަރުވާ ފެށޭ ހިސާބަކީ ރަނގަޅު ޑައިގްނޯސްޓިކް ސިސްޓަމެއް އޮތުން ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެކަމަށް ބަލިމީހާއަށް ފުރިހަމައަށް އިތުބާރުކުރެވޭ ގޮތެއް އޮންނަންޖެހޭނެ ކަމަށެވެ.
މި ސަރުކާރު ފެށުނުއިރު އަތޮޅުތެރޭގައި 76 ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ނުލިބި އޮތްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެހެންވެ، ޕޮއިންޓް އޮފް ކެއާގެ ދަށުން އެތަންތަނުގައި ބޭސިކް ޓެސްޓުތައް ހެދޭނެ އިންތިޒާމު ހަމަޖެއްސިފައިވާ ކަމަށެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ އަތޮޅުތެރެ އަށް ސިއްހީ ނިޒާމު ފުޅާކުރުމުން މާލެއަށް ބަރޯސާވާ މިންވަރު ކުޑަވެ، މާލޭގެ ހޮސްޕިޓަލުގެ ކިޔޫ ކުޑަވުމަށް މަގުފަހިވާނެކަމަށެވެ.