ބޯހިޔާވަހިކަން އެންމެންނަށް: ފާއިތުވި ހަފްތާގެ ތެރޭގައި 1،616 އެޕްލިކޭޝަން ހުށަހަޅައިފައިވޭ
ދަޕްރެސް
25 ޖެނުއަރީ 2026 | އާދިއްތަ | 2:15
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ބިމާއި ފުލެޓަށް އެދި ފާއިތުވި ހަފްތާގެ ތެރޭގައި 1،616 އެޕްލިކޭޝަން ހުށަހަޅައިފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ މިހާތަނަށް ބިމަށް އެދި 456 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ. އަދި ފުލެޓަށް އެދި 1،160 އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އިތުރަށް މިނިސްޓްރީން ވަނީ ޑްރާފްޓް މަރުހަލާގައި 7،605 އެޕްލިކޭޝަން ހުރިކަން ފާހަގަކޮށްފައެވެ.
ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ޕޯޓަލް މެދުވެރިކޮށް ކަމަށްވާއިރު އެޕްލިކޭޝަން ހުށަހެޅުމަށް ބޭނުންކުރާނީ އީ-ފާސް ލޮގިންކަމަށާއި، ސްކީމްތަކަށް އެޕްލައިކުރުމަށްޓަކައި އީ-ފާސް އެކައުންޓަކީ ވެރިފައި ކޮށްފައިވާ އެކައުންޓަކަށް ވާންޖެހޭނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެއެވެ. ވަޒީފާއަށް ނުދާ ފަރާތްތަކަށްވެސް އެޕްލިކޭޝަން ހުށަހެޅޭއިރު އާމްދަނީއެއް ހޯދުމަށް މަސައްކަތެއްކުރާ ފަރާތެއްނަމަ އެކަން ސާބިތުކޮށްދިނުމުގެ ލިޔުން ހުށަހެޅަން ޖެހެއެވެ.