އަދަދު ނޫހުގެ ސިޔާސީ ކާޓޫނު އެއްވެސް ބަޔަކު ދައުރުނުކުރަން އަންގައިފި
ދަޕްރެސް
25 ޖެނުއަރީ 2026 | އާދިއްތަ | 7:10
އަދަަދު ނޫހުގެ 'ސިޔާސީ ކާޓޫން' ސެގްމަންޓްގައި ޕޯސްޓްކުރި ކާޓޫން ކޮންޓެންޓެއްގެ މައްސަލަ ބަލަމުންދާތީ އެ މައްސަލާގައި ހިމެނޭ ކާޓޫން ޕޯސްޓް ދައުރު ނުކުރުމަށް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަނުން އަންގައިފި އެވެ.
މި މަހުގެ 22 ވަނަ ދުވަހު އަދަދު ނޫހުން ޝާއިއުކުރި ކާޓޫނާއި ގުޅޭ ގޮތުން އެ ކޮމިޝަނުން ވަނީ 'އަދަދު' ނޫހުގެ އެޑިޓަރު ހުސައިން ފިޔާޒަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވާފައެވެ.
އެ ސިޓީގައި ވަނީ 'އަދަދު' ނޫހުގެ އެ ސެގްމަންޓުގައި އިސްލާމްދީނުގެ އެންމެ މަތިވެރިވެގެންވާ އަޅުކަން ކަމަށްވާ ނަމާދުގެ ރުކުނެއް ކަމަށްވާ ސަޖިދަ، މަކަރާއި ހީލަތް ގުޅުވޭހެން ދޭހަވާ ގޮތަށް ޝާއިއުކޮށްފައިވާ ކޮންޓެންޓުގައި އިސްލާމްދީނުގެ އަސާސްތަކަށް ފުށޫއަރާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.