ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިހާބުގައި ވާދަކުރުމަށް 1633 ފޯމު ހުށަހަޅައިފި
ދަޕްރެސް
26 ޖެނުއަރީ 2026 | ހޯމަ | 9:24
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް ޖުމްލަ 1633 ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މި މަހުގެ 25 ވަނަ ދުވަހާއި ހަމައަށް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ޖުމްލަ 933 ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކުން 750 ފޯމު ހުށަހެޅި އިރު އޭގެ ތެރެއިން ޝަރުތުފުރިހަމަވާ ކަމަށް ކަނޑައަޅާފައިވަނީ 617 މީހުންގެއެވެ. އަދި 113 ފޯމެއްގެ ކެންޑިޑެސީ ގަބޫލުކޮށްފައި ނުވާއިރު ގަބޫލު ނުކުރުމުގެ ސަބަބުން އަލުން އިސްލާހުކޮށް، 41 ފޯމު ވަނީ ހުށަހަޅާފައެވެ.
ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް 203 ފޯމު ހުށަހެޅިއިރު 133 ފޯމު ވަނީ ބަލައިގެންފައެވެ. އަދި 70 ފޯމު ބަލައިގެންފައިނުވާއިރު އަލުން އިސްލާހު ކުރުމަށްފަހު 36 ފޯމެއް ވަނީ ހުށަހަޅާފައެވެ.