ސިޔާސަތަކީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް އިސްކަން ދިނުން: މުއްތަލިބު
ދަޕްރެސް
26 ޖެނުއަރީ 2026 | ހޯމަ | 1:02
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް އިސްކަންދޭ ގޮތަށް ކަމަށް ހައުސިން މިނިސްޓްރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ގުޅޭގޮތުން "ލިންކްޑްއިން"ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ބޯހިޔާވަހިކަމަކީ ހަމައެކަނި މިލްކިއްޔާތެއް ނުވަތަ މުއްސަނދިކަން އިތުރުކުރަން އޮތް ވަސީލަތެއް ނޫން ކަމަށާއި އެއީ ތައުލީމާ، ސިއްހަތާ، ވަޒީފާ އަދި އިޖުތިމާއީ ބަދަހިކަމުގެ ބިންގާ ކަމުގައެވެ.
ބޯހިޔާވަހިކަމުގެ ބޭނުންތެރިކަން ވަޒަންކުރަނީ ވަކިވަކި ފަރުދުންގެ ގޮތުގައި ނޫން ކަމަށާއި، އެއީ އާއިލާތަކުގެ ނިސްބަތުން ވަޒަންކުރާ އެއްޗެއްކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އާއިލާއެއްގެ ކޮންމެވެސް އެއް މެންބަރެއްގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތްނަމަ، އެ އާއިލާއަށް އިތުރު ޔުނިޓެއް ދިނުމުގެ ކުރިން އެއްވެސް އެއްޗެއް ނެތް އާއިލާއަކަށް ފުރުސަތު ދިނުމަކީ ފަރަގު ކުޑަކުރުމަށް ކުރަންޖެހޭ ކަމެއް ކަމަށެވެ.