ރެކޯޑް ނުބަލަހައްޓާ ކައުންސިލްތަކުން މާލޭގައި އުޅުނުކަމުގެ ލިޔުން ނުދެވޭނެ: އެލްޖީއޭ

ދަޕްރެސް

26 ޖެނުއަރީ 2026 | ހޯމަ | 4:49

ކައުންސިލް އިދާރާއަކުން ރަސްމީކޮށް ރެކޯޑް ނުބަލަހައްޓާނަމަ ސަރުކާރުން މިހާރު އިއުލާނު ކޮށްފައިވާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލާ ފަރާތެއް އެދިގެން މާލޭގައި 15 އަހަރު މެދުނުކެނޑި އުޅުނު ބައެއް ކަމަށް ކަނޑައަޅައި ލިޔުން ދޫނުކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

އެ އިދާރާ އިން މިހެން ބުނެފައި ވަނީ ކައުންސިލްތަކަށް ފޮނުވި ސިޓީއެއްގައެވެ. ސަރުކާރުން ހުޅުވާލި "ބޯހިޔާވަހިކަން އެންމެންނަށް" މަޝްރޫއުގެ ދަށުން ބިމާއި ފްލެޓަށް ކުރިމަތިލުމަށް އެދޭ އެތައް ބަޔަކު އަންނަނީ އެ މީހަކީ މާލޭގައި ދިރިއުޅޭ މީހެއް ކަން އަންގައިދޭ ލިޔުން ހޯދުމަށް ކައުންސިލްތަކުގައި އެދެމުންނެވެ. އަދި މި ކަމާ ގުޅިގެން އެތައް ކައުންސިލްތަކަކުން އަންނަނީ އެލްޖީއޭގެ ލަފައަކަށް އެދެމުން ކަމަށް އެލްޖީއޭ އިން ބުނެއެވެ.

އެ ގޮތުން ކައުންސިލްތަކަށް އެލްޖީއޭ އިން ފޮނުވި ސިޓީގައި ބުނެފައި ވަނީ، މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތުކުރުމަށް ހުށަހެޅިދާނެ ލިޔެކިޔުންތަކުގެ ތެރޭގައި ދައުލަތުގެ އިދާރާއަކުން ރަސްމީކޮށް ބަލަހައްޓާ ލިޔުންތަކާއި މައުލޫމާތުތަކުން މާލޭގައި ދިރިއުޅުނުކަން ސާބިތުވާ ނަމަ އެ އިދާރާއަކުން ދީފައިވާ ލިޔުން ހުށަހެޅިދާނެ ކަމަށެވެ. ނަމަވެސް އިދާރާއަކުން ދޫކުރާ ލިޔުން ބަލައިގަނެވޭނީ އެ އިދާރާ އިން ރަސްމީކޮށް ރެކޯޑްތައް ބަލަހައްޓާ މައުލޫމާތުން މާލޭގައި އުޅެފައިވާ މުއްދަތު ސާބިތުވާ ނަމަ ކަމަށް އެލްޖީއޭ އިން ބުނެއެވެ. އަދި މާލޭގައި އުޅެފައިވާ ސާބިތުކޮށް ނުދެވޭ ނަމަ އެ ލިޔުން ބަލައި ނުގަންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މައުޟޫޢުތަށް