މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ގާނޫނު ބާތިލުކުރަން އެމްޖޭއޭ އިން ހައިކޯޓަށް ހުށަހަޅައިފި
ދަޕްރެސް
27 ޖެނުއަރީ 2026 | އަންގާރަ | 8:38
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ގާނޫނު ބާތިލުކޮށްދިނުމަށް އެދި، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.
އެމްޖޭއޭއިން ހުށަހެޅި މައްސަލައިގައިވަނީ އެ މައްސަލަ ނިމެންދެން މީޑިއާތަކުގެ މައްޗަށް ފިޔަވަޅު ނޭޅޭ ގޮތަށް ކޮމިޝަނުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައެވެ. އެމްޖޭއޭގެ ރައީސް އަހުމަދު ނާއިފް ވިދާޅުވީ އެ ގާނޫނަކީ ރާއްޖޭން ބައިވެރިވެފައި ހުރި ބައިނަލްއަގުވާމީ މުއާހަދާތަކާއި ރާއްޖޭގެ ގާނޫނުއަސާސީއާ ހިލާފަށް އެކުލަވާލާފައި އޮތް ގާނޫނެއް ކަމަށެވެ.
މީގެ އިތުރުން އެމްޖޭއޭއިން ބުނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނު ބާތިލުކުރަން ހައި ކޯޓުގައި އެދުނީ އެ ގާނޫނު ގާނޫނުއަސާސީގެ ގިނަ މާއްދާތަކާ ހިލާފުވުމުން ކަމަށެވެ. އަދި އެ ގާނޫނަކީ އެތަކެއް ހައްގުތަކެއް ނިގުޅައިގަންނަ ގާނޫނެއްކަމަށް އެމްޖޭއޭއިން ވަނީ ބުނެފައެވެ.