ގުޅިފަޅުން ދޫކުރި ގޯތީގެ ރަޖިސްޓްރީއާ ހަވާލުވާން އިތުރު ފުރުސަތަކަށް ހުޅުވާލައިފި
ދަޕްރެސް
27 ޖެނުއަރީ 2026 | އަންގާރަ | 11:55
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ތިން ވަނަ ފިޔަވަހިން ގޯތި ލިބިފައިވާ މީހުންނާއި ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ ތެރެއިން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވެފައި ނުވާ ފަރާތްތައް ގޯތީގެ ރަޖިސްޓަރީއާ ހަވާލުވުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް މާޗް މަހުގެ 15 އާ ހަމައަށް ފުރުސަތު ހުޅުވާލައިފިއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އާންމުކުރި ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ އާ ލޭންޑް ޔޫސް ޕްލޭނަށް ގެނެސްފައިވާ ބަދަލާ ގުޅިގެން، ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިން ވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން ވަނީ ބަދަލުވެފައެވެ. މި ބަދަލާއި ގުޅިގެން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި ޑިސެމްބަރު 20 ގައި ވަނީ ގުރުއަތު ނަގާފައެވެ.
ހައުސިން މިނިސްޓްރީން ބުނީ، އެ ބަދަލާ ގުޅިގެން ހުޅުމާލެ ތިން ވަނަ ފިޔަވަހިން ގޯތި ލިބޭ ފަރާތްތަކަށް ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ބާތިލުކޮށް، އާ ބަންޑާރަގޯތީގެ ރަޖިސްޓަރީ ދޫކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި މިހާތަނަށް ގޯތީގެ ރަޖިސްޓަރީ ހަވާލުކޮށްފައި ނުވާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓަރީ ހަވާލުކުރުމާއި ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގެ ސޮއި ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ހަމައެއާއެކު ގުޅިފަޅުގެ އާ ލޭންޑް ޔޫސް ޕްލޭނަށް އައި ބަދަލާ ގުޅިގެން، މިއަދާ ހަމައަށް އެއްބަސްވުމުގައި ސޮއިކޮށް ގޯތީގެ ރަޖިސްޓަރީއާ ހަވާލުވެފައި ނުވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.