ކައުންސިލާއި ޑަބްލިއުޑީސީ އިންތިހާބަށް ކުރިމަތިލުމަށް ހުށަހެޅޭނެ ވަގުތު އިތުރުކޮށްފި
ދަޕްރެސް
28 ޖެނުއަރީ 2026 | ބުދަ | 3:51
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންހާބަށް ކުރިމަތިލުމަށް އެދި ހުށަހެޅޭނެ ވަގުތު އިތުރުކޮށްފިއެވެ.
އިންތިހާބަށް ކުރިމަތިލުމަށް، އިތުރު 10 ދުވަސް ދިނުމަށް އިދިކޮޅު އެމްޑީޕީން މިއަދު ގޮވާލައިފައި ވަނިކޮށް، އީސީން ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު އޮންލައިން ކޮށް ހުށަހެޅޭނެ ވަގުތު، ކޮންމެ ދުވަހެއްގެ ދެ ގަޑިއިރަށް އިތުރުކޮށްފައެވެ. އެ މުއްދަތު ހަމަވާން މީގެ ކުރިން އޮތީ، އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 3:30 އަށެވެ.
އެހެންނަމަވެސް މިއަދު އީސީން ބުނީ ޖަނަވަރީ 28 ވަނަ ދުވަހުން ފެށިގެން ފެބުރުވަރީ 1 ވަނަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 05:30 އަށް ފޯމު ހުށަހެޅޭނެ ކަމަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:30 އިން ރޭގަނޑު 08:00 އަށް ވަގުތު އިތުރުކޮށްފައިވާ ކަމަށް އީސީން ވަނީ ބުނެފައެވެ.