ބިދޭސީންގެ ދާއިމީ ކޯޓާގެ ސައިޓް އަޕްޑޭޓްކުރަން ދިން މުއްދަތު އިތުރުކޮށްފި
ދަޕްރެސް
29 ޖެނުއަރީ 2026 | ބުރާސްފަތި | 2:06
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެނައުމަށް ދޫކުރާ ދާއިމީ ކޯޓާގެ ސައިޓް އަޕްޑޭޓް ކުރަން ދީފައިވާ މުއްދަތު އަންނަ ޖޫން މަހުގެ 1 އަށް އިތުރުކޮށްފިއެވެ.
ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދުގެ ދަށުން ވަޒީފާ ދޭ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދިވެރިކޮށް ދާއިމީ ކޯޓާ (ޕާމަނަންޓް ކޯޓާ) އަދި ޕްރޮޖެކްޓް ކޯޓާ ދޫކުރަމުން އަންނަ އިރު ދާއިމީ ކޯޓާ ދޫކުރުމުގެ އުސޫލުތަކަށް ބަދަލު ގެނެސްފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ.
އެ އުސޫލުގައި ބުނެފައި ވަނީ ދާއިމީ ކޯޓާ ދޫކޮށް ރަޖިސްޓަރީކޮށްފައިވާ ސައިޓްތަކުގެ މައުލޫމާތު އަދާ ހަމަކުރުމުގެ ގޮތުން، މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން "ވޯކް ސައިޓް ޑިކްލަރޭޝަން ފޯމު" އަދި އިގްރާރު، ރަޖިސްޓަރީކޮށްފައިވާ ސައިޓުގެ" ޑޮކިއުމަންޓް އަޕްޑޭޓް ރިކުއެސްޓް" ނުވަތަ "ސައިޓް ޕާމިޓް އަޕްޑޭޓް" މެދުވެރިކޮށް ހުށަހެޅުމަށް ހުރިހާ ވަޒީފާދޭ ފަރާތްތަކަށް އަންގާ ކަމަށެވެ.