ގިރާވަރުފަޅުން ދޫކުރި ގޯތިތަކުގެ ޕްލޮޓް ނަންބަރު އެސްއެމްއެސްގެ ޒަރިއްޔާއިން ލިބޭނެ
ދަޕްރެސް
1 ފެބްރުއަރީ 2026 | އާދިއްތަ | 8:47
ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން ނަގައިފިއެވެ.
ގޯތީގެ ގުރު ނަގާފައި މިވަނީ ގިރާވަރުފަޅުގެ އާ ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކޮށް، އެ ޕްލޭނުގެ ދަށުން ގޯތި ލިބުނު ސަރަހައްދުތައް ބަދަލުވެފައިވުމާއި ގުޅިގެންނެވެ. އެހެންކަމުން ގޯތި ލިބުނު އެންމެނަށް ލިބިފައިވާ ގޯތި ކަނޑައެޅުމަށްޓަކައި އަލުން އިއްޔެ ވަނީ ގުރު ނަގާފައެވެ.
އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީން ބުނީ، ގިރާވަރު ފަޅުން ގޯތިލިބޭ ފަރާތްތަކަށް ލިބިގެންދާ ޕްލޮޓްގެ ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އެ ފަރާތްތަކުގެ ހާޒިރުގައި އެކަމަށް ކަނޑައަޅާފައިވާ މި މިނިސްޓްރީގެ މުވައްޒަފުން ކަމަށެވެ. އަދި ގުރުއަތުލައި، ޕްލޮޓް އެލޮކޭޓްކުރެވެމުންދިޔަ މިންވަރަކުން އެފަރާތަކަށް ލިބުނު ޕްލޮޓް ނަންބަރު އެސްއެމްއެސް ގެ ޒަރިއްޔާއިން ވަގުތުން ފޮނުވާފައިވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.