ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން މަރާމާތުކޮށް، ރޯދައިގެ ކުރިން ހުޅުވަން މަސައްކަތް ކުރަނީ
ދަޕްރެސް
1 ފެބްރުއަރީ 2026 | އާދިއްތަ | 2:02
ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް ނިންމާ، ރަމަޟާން މަހުގެ ކުރިން ހުޅުވާން މަސައްކަތް ކުރަމުން އަންނަ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.
މަރާމާތުގެ މަސައްކަތްތަކަށް ސަލްޓަން ޕާކު އަދި ޖުމްހޫރީ މައިދާން ބަންދު ކުރީ މިދިޔަ އަހަރު އޮގަސްޓް މަހުގެ ތެރޭގައެވެ. މަރާމާތު ކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި ސަލްޓަން ޕާކުގެ ވިއު ސްޓްރަކްޗާ އާއި ޓްރީ ހައުސް އަދި ޕާކުގެ ވޯކްވޭތަކުގެ އިތުރުން ކުޑަކުދިން ކުޅޭ ސަރަހައްދު ހިމެނެއެވެ.
މި މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ޕީއެސްއެމް އާ ހިއްސާކުރަމުން އާރްޑީސީގެ މާލެ ސަރަހައްދުގެ ރީޖަނަލް މެނޭޖަރު އިބްރާހިމް ގާސިމް ވިދާޅުވީ، މަސައްކަތްތަކުގެ ގާތްގަނޑަކަށް 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވި ދަތިތަކަކީ ބޭރުން ގެންނަ ބައެއް ސާމާނު ނުލިބުން ކަން ފާހަގަކުރަމުން ގާސިމް ވިދާޅުވީ، ނަމަވެސް ވަރަށް އަވަހަށް އެ ތަކެތި ލިބި މަސައްކަތްތައް ނިންމޭނެ ކަމަށެވެ.