މުހައްމަދު ޒާހިރު ހުސައިން ރާއްޖޭގެ ތައުލީމަށް ކޮށްދެއްވި މަސައްކަތަަށް ރައީސްގެ ޝުކުރު
ދަޕްރެސް
1 ފެބްރުއަރީ 2026 | އާދިއްތަ | 2:38
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ހުށާހެޅުއްވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސައިންއާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައި، އެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޑރ. މުހައްމަދު ޒާހިރު ހުސައިނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެބޭފުޅާއަކީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިއެރުމަށާއި ތަރައްގީއަށް ވަރަށް އިހުލާސްތެރިކަމާ އެކުގައި މިންނަތް މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ.
އަދި ސަރުކާރުން އޭރު ފެއްޓެވި އަސާސީ ތައުލީމުގެ މަޝްރޫއު ހިންގަވައި ދެއްވުމުގައްޔާއި، ރާއްޖޭގެ އަތޮޅުތަކުގައި ކޮމިއުނިޓީ ސްކޫލުތަކާއި، އަތޮޅު މަދަރުސާތައް ބިނާކުރައްވައި، ތައުލީމީ ރޮނގުން ރަށްރަށުގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ކުރެއްވި ހީވާގި މަސައްކަތްތަކަކީ ވެސް، ތައުރީފު ހައްގު މަސައްކަތްތަކެއް ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.