ފިތުރު ޒަކާތް ބަލައިގަތުމަށް 'ފިތުރު ޕޯޓަލް' ތައާރަފުކޮށްފި
ދަޕްރެސް
1 ފެބްރުއަރީ 2026 | އާދިއްތަ | 2:44
ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ ފަރާތްތަކަށް ފައިސާއިން ޒަކާތް ދެއްކުމުގެ އިންތިޒާމު ފަހިކޮށްދިނުމަށް ޓަކައި "ފިތުރު ޕޯޓަލް"ގެ ނަމުގައި ހާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް މޯލްޑިވްސް ޒަކާތު ހައުސް އިން ތައާރަފު ކޮށްފިއެވެ.
ޒަކާތު ހައުސް އިން ބުނީ، މިފަދަ ޕޯޓަލްއެއް ގާއިމްކުރުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ ރަށު ކައުންސިލުތަކާއި ޒަކާތު ހައުސް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެއް އުސޫލަކުން އެ ކަން ކުރިއަށް ގެންދިއުން ކަމަށެވެ.
މި ޕޯޓަލް މެދުވެރިކޮށް، ނަގުދު ފައިސާ އިން ބަލައި ގަންނަ ޒަކާތުގެ މުއާމަލާތްތައް ވަގުތުން ބެލުމުގެ ފުރުސަތު ޒަކާތު ހައުސްއަށް ލިބިގެންދާނެއެވެ. އޭގެ ސަބަބުން އޮންލައިން ޕްލެޓްފޯމްތަކާއި ނަގުދު ފައިސާ މެދުވެރިކޮށް ލިބޭ ފިތުރު ޒަކާތުގެ ސައްހަ ޖުމްލަ އަދަދުތައް ކޮންމެ ދުވަހަކު ވެސް ބަލައިލެވޭނެ ކަމަށް ޒަކާތު ހައުސް އިން ބުނެއެވެ.