ގެމަނަފުށީގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމަން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި
ދަޕްރެސް
1 ފެބްރުއަރީ 2026 | އާދިއްތަ | 3:17
ގއ. ގެމަނަފުށީގައި ގާއިމްކުރަން ފަށާފައިވާ ނަރުދަމާގެ މަސައްކަތުގެ ބާކީ ހުރި މަސައްކަތް ނިންމުމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ ދަށުން ގެމަނަފުށީގައި ކުރިން ގާއިމުކުރުމަށް މަސައްކަތް ފަށާފައިވާ ނަރުދަމާ ނިޒާމުގެ ބަކީ ހުރި މަސައްކަތްތައް ނިންމައި ނަރުދަމާ ނިޒާމު ޓެސްޓްކޮށް ކަމިޝަން ކުރުން ހިމެނޭ ކަމަށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ނަރުދަމާގެ ޕަންޕްސްޓޭޝަން ބެހެއްޓުމާއި، ރަށުގައި މީހުން އާބާދުވެފައިވާ ހުރިހާ ސަރަހައްދެއްގައި ނަރުދަމާ ހޮޅި އެޅުމާއި، ސީ އައުޓްފޯލް އެޅުމުގެ އިތުރުން ގޭބީސީތަކާއި ނަރުދަމާ ނިޒާމު ގުޅުވުމަށްޓަކައި ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގެ ތެރޭގައި ކެޗްޕިޓް ބެހެއްޓުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.
މި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ. އަދި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު އެވެ.