ރޯދައިގެ ސަބަބުން ލިބޭ ސިއްހީ ފަައިދާ، އެންމެ ރަނގަޅު ގޮތުގައި ހޯދުމަށް ދުރާލާ ތައްޔާރުވުން މުހިއްމު!
ދަޕްރެސް
6 މާރިޗު 2026 | ހުކުރު | 10:54
ރަމަޟާން މަހަކީ މުސްލިމުންނަށް އަންނަ ބަރަކާތުން ފުރިގެންވާ އުފާވެރި މައްސަރެކެވެ. ރޯދަ މަހުގެ ހާއްސަކަމާއެކު، އެ މަހަށް ދުރާލާ ތައްޔާރުވުމަކީ އަބަދުވެސް މުސްލިމުން ވަރަށް ބޮޑު އިސްކަމެއް ދޭކަމެކެވެ. ރޯދަ ހިފުމުގެ ސަބަބުން ސިއްހީ ގިނަ ގުނަ ފައިދާތައް ލިބިގެން ދެއެވެ. ހަށިގަނޑު ރީބޫޓުކޮށް ވިހަ މާއްދާތައް ނައްތާލަން އެހީވެދެ އެވެ. ސިއްހަތަށް ގެއްލުން ހުރި ފެޓް އަދި ކެންސަރަށް މަގުފަހިވާ ކެމިކަލްތައް ހަށިގަނޑުން ދުއްވާލަން އެހީވެދެއެވެ. އެކަމަކު ރޯދައިގެ ސަބަބުން ލިބޭ ސިއްހީ ފަައިދާ އެންމެ ރަނގަޅު ގޮތުގައި ހޯދުމަށްވެސް ދުރާލާ ތައްޔާރުވާން ޖެހެއެވެ.
ކެއުން ބުއިމުގެ އާދައަށް އަންނަ ކުއްލި ބަދަލާ އެކު ރޯދަ މަހުގައި ސިއްހީ ގޮތުން ގިން ގޮންޖެހުންތައް ބައެއް މީހުންނަށް ދިމާވެއެވެ. ގިނަ ފަހަރު މިފަދަ ސިއްހީ މައްސަލަތަކަކީ ކެއިންބުއިމާ، އާންމު ދިރިއުޅުމުގެ ވައްޓަފާޅީގައި ހުންނަ ނޭދެވޭ އާދަކާދަތަކުން ދިމާވާ މައްސަލަތަކެވެ.
މަތިން އެރުމާއި މޭއެންދުމަކީ ރޯދަމަހު ގިނަ ބަޔަކަށް ދިމާވާ ވަރަށް އާންމު މައްސަލައެކެވެ. މިކަމުގެ ވޭން ބައެއް ފަހަރު އިންތިހާއަށް ގަދަވެގެންދެއެވެ. ބައެއް ފަހަރު މިއީ، ކެއުން މަދުވެ، ކެއުމުގެ ދޭތެރެ ދުރުވެ، ހަށިގަނޑުގެ މެޓަބޮލިޒަމް ދަށްވެ، ބަނޑުގައި މާގިނައިން ގޭސް އުފެދުމުގެ ސަބަބުން ދިމާވާ ކަމެކެވެ. އަދި މާ ކުޅިކޮށް ކެއުމާ، ހަވާދުލީ ތަކެތި ބޭނުންކުރުމާ، ތެލާއި ސަރުބީ އެކުލެވޭ ތަކެތި ބޭނުންކުރުމާ، މާގިނައިން ކޮފީ ބުއިމާ، އެނާޖީ ޑްރިންކްސް އަދި ދުންފަތުގެ އިސްތިއުމާލު ކުރުމަކީވެސް މޭ އެންދުމަށް ދިމާވާ ސަބަބުތަކެވެ.